Friday, November 20, 2009

ވެހޭތާފެން ނަގާށެވެ؟

ޢަބުދުލްޤާދިރު މުޙައްމަދު ހިތަށްފިނިވާގެ ހއ އިހަވަންދޫ

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވި ކަމުގައި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. "ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء" أخرجه البخاري މާނައީ:" މިދިހަދުވަހަށްވުރެ، އެދުވަސްތަކެއްގައި ހެޔޮ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ދެެންނެވުނެވެ. ﷲ ސުބުޙާނަހޫވަތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ނަފްސާއި މުދަލާއި އެކުގައިނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އަނބުރާ ނައިސްފިމީހާ ފިޔަވާ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ.

މި ހަދީޘުން ލިބޭ ފިލާވަޅުތައް:
1- ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި އެންމެ މާތްދުވަސް ތަކަކީ މި ދުވަސްތައްކަން.
2- ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވުމުގެ މާތްކަން.
3- މިދުވަސްތަކުގައި ގިނަގިނައިން ހެޔޮޢަމަލު ކުރުން އިތުރުކުރުމުގެ މުހިއްމުކަން.
4- ޝައްކު އުފެދޭ ކަންތައްތައް އަހައި އޮޅުން ފިލުވުމުގެ މުހިއްމުކަން.

މިދުވަސްތަކުގައި ކުރެވިދާނެ ބައެއްކަންތައްތައް.
1- ގިނަގިނައިން ޛިކުރުކުރުމާ ދުޢާކުރުން.
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "ما من أيام أعظم عند الله ، ولا أحب إليه العمل فيهن من هذه الأيام العشر، فأكثروا فيهن من التكبير ، والتهليل ، والتحميد" أخرجه أحمد މާނައީ: (މިދިހަދުވަހަށްވުރެ، އެދުވަސްތަކެއްގައި ހެޔޮ ޢަމަލުތައް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަދި މަތިވެރިވެގެންވާ ދުވަސްތަކެއް ނުވެއެވެ. ތިޔަބައިމީހުން އެދުވަސްތަކުގައި ތަކުބީރާއި ތަހުލީލު އަދި ތަޙްމީދު ކިޔުން ގިނަކުރާށެވެ.) ސަލަފުއް ޞާލިހުން ނަމާދުގެ ފަހުގައްޔާއި ބާޒާރުތަކުގައާއި ގެތަކުގައްޔާއި މަގުތައްމަތީގައި އަދި މިނޫންވެސްތަންތާގައި އަޑުހަރުކޮށް ތަކުބީރު ކިޔާކަމުގައި ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް ޖަމާޢަތް ހަދައިގެން އެންމެން އެއްފަހަރާތަކުބީރު ކިޔުމީ ސުންނަތުންޡާބިތުވާ ކަމެއްނޫނެވެ. ކޮންމެމީހަކުވެސް ތަކުބީރުކިޔާނީ އެމީހަކުއަމިއްލަޔަށެވެ.
2- ސުންނަތް ނަމާދުކުރުން ގިނަކުރުން.
ހަމަކަށަވަރުން ސުންނަތް ނަމާދު ތަކަކީފަރުޟު ނަމާދު ތަކުން އުނިވާތަން ފޫބައްދައިދޭކަމެކެވެ.އަދި ﷲ ތަޢާލާގެ ލޯބި އެކަލާނގެ އަޅުތަކުންގެ މައްޗަށް އިތުރުވެ ދުޢާ އިޖާބަކުރައްވާނޭކަމެކެވެ. އަދި ހެޔޮކަންތައް އިތުރުވެ ނުބައިކަންތައް ފުހެވި ދަރަޖަ އުފުލޭނޭ ކަމެކެވެ.
3- ރޯދަހިފުން.
ރޯދަހިފުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ވަރަށްމަތިވެރި އަޅުކަމެކެވެ. ޚާއްޞާގޮތެއްގައި މިމަހުގެ ނުވަވަނަދުވަހު ރޯދަހިފުން ރަސޫލާގެ ސުންނަތުން ޡާބިތުވެގެން އައިސްފައި ވެއެވެ. އެދުވަހުގެ ރޯދަޔާއި ބެހޭގޮތުން އެކަލޭގެފާނާއި ސުވާލު ދެންނެވުމުން ހަދީޘް ކުރެއްވިއެވެ. "يُكفِّر السنة الماضية والباقية" رواه مسلم މާނައީ: "އެއީ (ނުވަވަނަ ދުވަހު ރޯދަހިފުމަކީ) ވެއަތުވެދިޔަ އަހަރާއި ކުރިއައް އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ."
4- އުޟުހިޔާ ކަތިލުން.
އަޟްހާ ޢީދު ދުވަހު އުޟުހިޔާ ކަތިލުމަކީ ސުންނަތުން ޘާބިތުވެގެންވާ ވަރަށްމަތިވެރި އަޅުކަމެކެވެ. މި ސުންނަތް ހާޞިލްވާނީ އެކަމަށްކަމުދާ ޖަނަވާރެއްކަތިލުމުންނެވެ. ކުކުޅެއް ކަތިލުމަކުން ސުންނަތް ޙާޞިލް ނުވާހުއްޓެވެ.
5- ގިނަގިންއިން ޞަދަގާތްދިނުން.
ޞަދަގާތްދިނުމަކީ ވަރައްމަތިވެރި އަޅުކަމެކެވެ. ހެޔޮ ޢަމަލު ކޮށް ނުބައި ކަންތަކުންދުރުހެލިވުމަކީވެސް ޞަދާގާތުގެ ތެރެއިން ހިމެނޭކަމެކެވެ.
6- ތަޢުބާވުން.
ހަމަކަށަވަރުން ރަގަޅުގޮތުގައި ވެވޭ ތަޢުބާ އަކީ އެކަމުގެސަބަބުން ފާފަތައްފުހެވި އޭނާ ސުވަރުގޭގެ އަހުލުވެރިއެއްކަމުގައި ވާނޭކަމެކެވެ. ހަމަ ކަށަވަރުން ތަޢުބާވާ މީހާއަކީ ފާފަ ނުކުރާމީހެކޭ އެއްފަދަމީހެކެވެ.

ވީމާ މިދުވަސްތަކުގެ ބޭނުންފުރިހަމަ ގޮތުގައި ހިފައި އަޅުކަމުގައި ހީވާގިވަމާ ހިގާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮކަމަށް ވާގިދީ އެހީތެރިވަމާހިގާށެވެ. ބުއްދިވެރިންނަކީ ވަގުތުގެބޭނުން އޭގެ އެންމެފުރިހަމގޮތުގައި ހިފާމީހުންނެވެ. ހަމަކަށަވަރުންވެސް ގެއްލިއްޖެވަގުތަކީ އަނބުރާލިބޭނޭ އެއްޗެއްނޫނެވެ.

No comments:

Post a Comment